Thursday, October 22
މާލެ ސަރަހައްދުގެ ހޫނުމިން 39 ޑިގްރީއަށް އަރައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު 14:00 އާ ހަމައަށް ފިނިހޫނުމިން ހުރި މިންވަރު މެޓް އޮފީހުން އާންމުކޮށްފައިވާ އިރު، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައިވާ ކަމަށް އެ އޮފީހުން ލަފާކޮށްފިއެވެ. އެންމެ ހޫނުގަދަކޮށް ރެކޯޑުކުރެވިފައިވަނީ ހުޅުލެ ސަރަހައްދަށެވެ. އެއީ އިހުސާސްކުރެވޭ ހޫނުމިން 39.1 ޑިގްރީ ސެލްސިއަސްގައެވެ.

އެހެން ސަރަހައްދުތަކުގެ އިހުސާސްކުރެވޭ ހޫނުމިނަށް ބަލާއިރު:

  • ހދ. ހަނިމާދޫ: 36.3 ޑިގްރީ ސެލްސިއަސް
  • ލ. ކައްދޫ: 35.9 ޑިގްރީ ސެލްސިއަސް
  • ގދ. ކާޑެއްދޫ: 35.4 ޑިގްރީ ސެލްސިއަސް
  • ސ. ގަމު: 34.7 ޑިގްރީ ސެލްސިއަސް

މެޓް އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލެ ސަރަހައްދުގެ ހޫނުމިން މައްޗަށް ދިޔައީ އުޑުމަތީގައި ވިލާ މަދުވުމުގެ ސަބަބުން ކަމަށާއި، މިއީ އެލްނީނޯގެ އަސަރެއް ނޫން ކަމަށެވެ. އަދި މިއަދުގެ އިތުރުން މާދަމާވެސް ހޫނުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މި އަހަރު ތެރޭގައި އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވެސް އަރާފައިވާ އިރު، މެޓް އޮފީހުން ދަނީ ކޮންމެ ދުވަހަކު ހެނދުނު 11:00، މެންދުރު 14:00 އަދި ހަވީރު 17:00 ގައި އެ އޮފީހުގެ ވައިބާ ގްރޫޕް މެދުވެރިކޮށް ފިނިހޫނުމިނުގެ މައުލޫމާތު އާންމުކުރަމުންނެވެ.

މިފަދަ ހޫނުގަދަ ދުވަސްވަރު ސިއްހީ ރައްކާތެރިކަމަށް ސަމާލުކަންދީ، ގިނައިން ފެން ބުއިމާއި، ސީދާ އަވީގައި އުޅޭ މިންވަރު މަދުކުރުމާއި، ބޭރަށް ނުކުންނައިރު އަތްދިގު އަންނައުނު ލުމާއި ކުޑަ އަދި އަވި އައިނު ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު