Thursday, October 22
ނޯވޭގެ އައު ރަސްގެފާނަށް ރައީސް މުޢިއްޒު ތަޙުނިޔާ ފޮނުއްވައިފި
ނޯވޭގެ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމާ ގުޅިގެން، އެ ޤައުމުގެ އައު ރަސްގެފާނު ހޯކަން 8 ވަނައަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޯވޭގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްގެފާނު ތަޚުތަށް ވެޑުވުމާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި، ނޯވޭގެ ތާރީޚީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8 ވަނައިގެ ޤާބިލުކަމާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ އިޙްތިރާމާއި ބަދަހި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، އައު ރަސްގެފާނުގެ ރަސްކަމުގައި ދެ ޤައުމުގެ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ރަސްގެފާނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރަސްގެފާނު ހޯކަން 8 ވަނަ ނޯވޭގެ ތަޚުތަށް އިސްވެވަޑައިގެންނެވީ، އެމަނިކުފާނުގެ ބައްޕާފުޅު ރަސްގެފާނު ހާރަލްޑް 5 ވަނަ 28 އޯގަސްޓް 2026 ގައި އަވަހާރަވުމާ ގުޅިގެނެވެ.ރަސްގެފާނު ހޯކަން 8 ވަނައަކީ ނޯވޭގެ ނޭވަލް އެކަޑަމީގެ އިތުރުން ޔުނިވަސިޓީ އޮފް ކެލިފޯނިއާ، ބާކްލީ އަދި ލަންޑަން ސުކޫލް އޮފް އިކޮނޮމިކްސްއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ކައިވެނިބައްލަވައިގެން އުޅުއްވަނީ ކުއީން މެޓެ-މާރިޓްއާއެވެ. އެ ބޭފުޅުންގެ ދެ ބޭފުޅުން ތިއްބަވައެވެ. އެއީ ޝާހީ ތަޚުތުގެ ދެން އެންމެ އަރިސް ވާރުތަވެރިޔާ ކްރައުން ޕްރިންސެސް އިންގްރިޑް އަލެކްސަންޑްރާ އާއި ޕްރިންސް ސުވެރޭ މެގްނަސްއެވެ.  ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އިޚްތިޔާރުކުރެއްވި ރަސްކަމުގެ ޝިއާރަކީ "އޯލް ފޯ ނޯވޭ" އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު