މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކީ ކިލޯއަކަށް 20 ރުފިޔާ ކަމުގައި ހަމަޖައްސައި، އެއަށްވުރެ ކުޑަ އަގެއްގައި ދެން މަސް ނުގަންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި އެކްސްޕޯޓް ކުރުމުގެ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު އަގު މުރާޖައާ ކުރި ނަމަވެސް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިއްޔެ ވެސް މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 21 ރުފިޔާގެ މަގުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައި ވަނިކޮށް، މި ސަރުކާރުން ފުރަތަމަ އެ އަގު 16 ރުފިޔާއަށް ތިރިކުރިއެވެ. ނަމަވެސް މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިހާރު އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، މި އަގުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސް ގަތުމުގެ ގާބިލުކަން ދެމެހެއްޓުމަށްޓަކައި މިފްކޯގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ތެލުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން މިފްކޯގެ ފެސިލިޓީތަކުން މަސްވެރިންނަށް ތެޔޮ ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ.



