Thursday, October 22
އެމްޓީސީސީއާއެކު ހަތަރު ރަށެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުގައި ސޮއިކޮށްފި
ސަރުކާރުން މިއަދު ވަނީ ހަތަރު ރަށެއްގެ އުމްރާނީ ތަރައްގީގެ ހަތަރު މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާނެ މަޝްރޫއުތަކަށް ބަލާއިރު، ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު 3.5 މީޓަރަށް އަދި ނެރު 4 މީޓަރަށް ފުންކުރުމުގެ އިތުރުން، 170 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރާނެއެވެ.

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 56 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.

މީގެއިތުރުން، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 17,300 ސީބީއެމްގެ ވެލިން ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ހިމެނޭ ހއ. ކެލާ ބަނދަރު އަޕްގްރޭޑްކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، 8.56 ހެކްޓަރުގެ ބިން ހިއްކުމާއި، 266 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، 692 މީޓަރުގެ ހިލަ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 132 މީޓަރުގެ ގްރޮއިންއަކާއި ސޭންޑް ފިލްޑް ބްރޭކްވޯޓާ ހެދުން ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން 6 މޫރިންގް ބޮއި، 2 ނެރު ބައްތި، 45 މަގު ބައްތި، ޕޭވްމެންޓް، ކޮންކްރީޓް ޖެޓީ އަދި ކޮންކްރީޓް ބްރިޖެއްވެސް ތަރައްގީކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު