Thursday, October 22
އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ހިއްސާއަކަށް 50 ލާރި ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. ހޮޓެލް ޖެންގައި ބޭއްވި މި ޖަލްސާގައި މިގޮތަށް ފާސްކުރިއިރު، މިދިޔަ އަހަރު އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 60 ލާރިއެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާއާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި، އެ ކުންފުނީގެ އުޖޫރައެއްގެ ގޮތުގައި 28,350 ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.

އެމްޓީޑީސީގެ 2025 ވަނަ އަހަރުގެ މާލީ ރިޕޯޓަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 1.9 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާ އަޅާބަލާއިރު 6.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ ހިމެނޭ އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 2006 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު