މި ނިންމެވުމާއެކު، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފެށިފައެވެ.






