މި ބިލުތަކަކީ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ބިލުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި ބޭންކުތަކަށް މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރުގެ ސަބަބުން ރިޒޯޓުތަކުގެ އޮޕަރޭޝަންތަކަށް ނުވަތަ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނޭޅޭނެކަން ދިރާސާތަކުން ދައްކާ ކަމަށާއި، މިއީ ބަހަނާއަކަށް ހަދައިގެން މުވައްޒަފުންގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓެކްސް ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުން ފަތުރުވެރިކަމުގެ ސިނާޢަތަށް "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަޢާރަފުވެ، އިމާރާތްކުރުމުގެ ސިނާޢަތުގައި ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ފަހިވެގެންދާނެއެވެ. އަދި ޓެކްސް އިދާރީ ޤާނޫނުގެ އިޞްލާޙުން މީރާއަށް ތަންފީޒީ ބާރު އަލުން ލިބިގެންދާއިރު، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ޤާނޫނަކީ އިޤުތިޞާދު ސިންދަފާތުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން މަސްވެރިކަމުގެ ޤާނޫނުގެ އިޞްލާޙުން މަސްކަނޑުތައް ހިމާޔަތްކޮށް އެކުއަކަލްޗަރ ފުޅާކުރުމަށް މަގުފަހިވާނެއެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ބިލުން މާލޭގެ ޓްރެފިކް މައްސަލަތަކަށް ޙައްލު ހޯދުމަށް އިތުރު ބާރެއް ލިބޭނެއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މިފަދަ ޤާނޫނީ އިޞްލާޙުތައް ގެނައުމުގެ މައިގަނޑު މަޤުޞަދަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ޤާނޫނީ ނިޒާމު ޒަމާނާއި ހާލަތަށް އެކަށީގެންވާ ގޮތަށް ބިނާކުރުމެވެ. މި ބިލުތައް ތަޞްދީޤުކުރެއްވުމާއެކު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.






