Thursday, October 22
އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސް "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަހާސިންތާ އިފްތިތާޙުކޮށްދެއްވައި ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި އަހަރުގެ ކޮންފަރެންސްގައި ބައިނަލްއަޤްވާމީ ދާއިރާއިން ފާހަގަކޮށްލެވޭ ޚާއްޞަ ކީނޯޓް މުގައްރިރުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާގެ ރައީސް ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާ އާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ކުރީގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ (ތަން ޝްރީ) ޒުލްކިފްލީ ޢަބްދުލް ރަޒާކް އަދި މިޞްރުގެ ޝައިހު އަލް އަޒްހަރުގެ އެޑްވައިޒަރު ޕްރޮފެސަރ ޑރ. ނަހްލާ ޞަބްރީ ޤުޠުބު އަލް-ސަޢީދީ ހިމެނިވަޑައިގަންނަވައެވެ.

މި އަހަރުގެ ކޮންފަރެންސަށް ޖުމްލަ 167 ދިރާސީ ކަރުދާސް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 83 ކަރުދާހަކީ ރާއްޖެއިން ބޭރުގެ ދިރާސާވެރިން ހުށަހަޅާފައިވާ ކަރުދާސްތަކެވެ. ބަސްބަހުގެ ނިސްބަތަށް ބަލާއިރު އިނގިރޭސި ބަހުން 147 ކަރުދާސް، އަރަބި ބަހުން 12 ކަރުދާސް އަދި ދިވެހި ބަހުން 8 ކަރުދާސް ވަނީ ހުށަހަޅާފައެވެ. މުޅި ކޮންފަރެންސްގައި 18 ޤައުމަކުން 53 ފަރާތެއް ހިމެނޭހެން ޖުމްލަ 473 ބައިވެރިން ބައިވެރިވެއެވެ.

މީގެ އިތުރުން، އެޕްރީލް އިން މޭ މަހުގެ ނިޔަލަށް 8 ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންފަރެންސްގެ ފުރަތަމަ ދުވަހުވެސް 10 ވޯކްޝޮޕަކާއި އިޖުތިމާއީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު