Thursday, October 22
ތިލަމާލެ ބުރިޖަކީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް: ރައީސް މުޢިއްޒު

ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު އުމުރާނީ މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޖިނިއަރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލެއިން ތިލަމާލެ ބުރިޖު މަގުން ފައިމަގުގައި ބޭއްވި ހިނގާލުމުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހިންގާ މި މަޝްރޫޢަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އަދި އިންޑިއާ ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ޓީމުތަކުން ކުރަމުންދާ ބުރަ މަސައްކަތާއެކު، ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިއީ މުޅި ސަރަޙައްދުގެ ތަރައްޤީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން އިސްކަންދެނީ ބޮޑެތި މަޝްރޫޢުތައް އަވަސް ސްޕީޑުގައި ނިންމުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މަޑުޖެހިފައި ހުރި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއަރޕޯޓު ފަދަ މުހިންމު މަޝްރޫޢުތަކުގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވީ، މިއީ އިންޑިއާއިން އެޤައުމުގެ ބޯޑަރުން ބޭރުގައި ހިންގާ އުމުރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށެވެ. އަދި މި މަޝްރޫޢު ނިމުމުން ވެގެންދާނީ ދިވެހިރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ރައުސުލްމާލަކަށް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ވިލިމާލެއަށް ނިންމާލި މި ހިނގާލުމުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު