މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ސީއެސްއެމްގެ ރައީސް ޙުސައިން ރަޝީދު މޫސާ އަދި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ޕާކިސްތާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސީއެސްއެމްގެ ޗެއާޕާސަން ޖުވައިރިޔާ ސަޢީދު ވަނީ ސްކްރީނިން މަރުޙަލާތައް ކުރިއަށްދާ ގޮތާއި، މީގެ ސަބަބުން އާންމުންގެ ސިއްހަތަށް ކުރާނެ ފައިދާތަކުގެ ތަފްސީލު ދެއްވާފައެވެ.
ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި، ސީއެސްއެމްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އަގުހުރި އިޖުތިމާޢީ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި ރަށްރަށުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް މިފަދަ ހަރަކާތްތައް މުހިންމުކަން ފާހަގަކުރައްވައި، މިއީ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ނިލަންދޫއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ހައިކޮމިޝަނަރާއި އިސް އޮފިޝަލުން ވަނީ ފ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
ސީއެސްއެމްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކެންސަރަށް ހޭލުންތެރިކުރުމާއި، ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ޤައުމީ ފެންވަރުގައި ހިންގަމުން އަންނަ އަމިއްލަ ޖަމްޢިއްޔާއެކެވެ.






