Thursday, October 22
ޤައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި
އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގައި ބޭނުންކުރާ ތަފާތު އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ. ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޤައުމީ ތަރައްގީގައި އިންޖިނިއަރިން ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، އެ ދާއިރާއަށް އެކުދިންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.

މި ހަރަކާތުގައި އެމްއޭސީއެލްގެ ފަރާތުން އިންޖިނިއަރިން އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި ވޯޓާ އެންޑް ސެވެރޭޖް ސާވިސަސް، މެކޭނިކަލް ސާވިސަސް، ހީޓް ވެންޓިލޭޝަން އެންޑް އެއާ ކޮންޑިޝަނިން، ފިއުލް ސާވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އޭރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަންގެ ދާއިރާ ހިމެނެއެވެ.

އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ މައި އެއާޕޯޓު އޮޕަރޭޓްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތައް ކުޑަކުދިންނަށް އަމަލީ ގޮތުން ތަޖުރިބާކޮށްލުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ. މީގެ އިތުރުން، އެމްއޭސީއެލްގެ އިންޖިނިއަރުން ވަނީ އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، އެއާޕޯޓް ދާއިރާއިން ލިބެންހުރި އިންޖިނިއަރިން ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ. އެ ކުންފުނީގެ އަމާޒަކީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިވާ، ގާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު