އާދިއްތަ, October 11
ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގި ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން ކާމިޔާބުކަމާއެކު 113 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

އިއްޔެ ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައެވެ.

މި ދަސްވެނިވުމުގެ ތެރޭގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ.

ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

އަދި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ކުރިޔަށް އަންނަން އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށެވެ.

އަދި މި ކޯސް‌ތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން ޢިލްމީ ގާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ލިބިގެންދިޔަ ބޮޑު ބާރެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު