ޕަލާއޫގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، އޮނަރަބްލް ޏިގިރައިބެލަސް ތުމެތުޗުލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައި ވަނީ، ދިވެހިރާއްޖޭގައި މިއަދު ފެށި "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތަރައްގީވަމުންއަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ގުޅުން ބަދަހިކުރުމާއި ވުނަކުރުމުގެ ފުރުސަތުތައް، ސިޑްސް ޤައުމުތަކަށް ފަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވިއެވެ.
ސިޑްސް ޤައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ މަސްރަހުގައި ސިޑްސް ޤައުމުތަކުން ކުރާ ވަކާލާތު ވަރުގަދަކުރުމަށްޓަކައި، ޕަލާއޫއާއެކު ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދެމިއޮތްކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.
އޯގަސްޓް 23 އިން 25 އަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ޚާއްސަކޮށް އެޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިންނާއި އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ޙިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.



