ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ.އާސްތާނާ، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޢައްޔަންކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި މަޤާމަށް ޢާޒިމާ ޢައްޔަންކުރެއްވީ މިއަދެވެ.
ޢާޒިމާ އަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާޒިމާ އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ޚިދުމަތް ކުރައްވާފައިވެއެވެ. އެކަމަނާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވާފައެވެ.
ޢާޒިމާ ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލްކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިގެންވާ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ. ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތުގައި އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީ އަދި ޤާނޫނު އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މީގެތެރޭގައި 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިސްލާޙީ އެޖެންޑާ އެކުލަވާލައި ތަންފީޒުކުރުމުގައި އެކަމަނާ އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލެވެއެވެ.
ޢާޒިމާ އަކީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ހޯޕް ފޮރ ވިމެންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ފާލަންގެވެސް ކޯ-ފައުންޑަރެކެވެ. މީގެ އިތުރުން އެކަމަނާގެ އަމިއްލަ ޤާނޫނީ ފަންނުގެ ޚިދުމަތުގައިވެސް ޖިންސީ އަނިޔާގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ޤާނޫނީ ލަފާދެއްވަމުންގެންދަވާކަން ފާހަގަކޮށްލެވެއެވެ.



