ދެކުނު ކޮރެއާގެ ބުސާން ބަނދަރަކީ ދުނިޔޭގެ ފެންވަރުގެ މެރިޓައިމް ހަބަކަށް ހެދުމުގެ ބޭނުމުގައި، އާކްޓިކް ކަނޑުގެ މަގުން ޔޫރަޕަށް ދަތުރުކުރުމުގެ ފުރަތަމަ ޓެސްޓު ވިޔަފާރި ދަތުރު ހޮނިހިރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުހިންމު ދަތުރުގައި ބޭނުންކުރަނީ ޕެންސްޓާ ކުންފުނިން އޮޕަރޭޓްކުރާ "ޕެންސްޓާ އެކްރޯ" ނަމަކަށް ކިޔާ ކޮންޓޭނަރު އުފުލާ ބޯޓެކެވެ.
މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އުތުރަށް، ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާ ކައިރިން ބެރިންގް ކަނޑު ހުރަސްކޮށް، ނޮދަން ސީ ރޫޓުންނެވެ. އަދި 40 އާއި 45 ދުވަހުގެ މި ދަތުރުގައި އެނބުރި އައުމުގެ ކުރިން އިނގިރޭސިވިލާތުގެ ފެލިކްސްސްޓޯ، ނެދަލޭންޑްސްގެ ރޮޓަޑޭމް އަދި ޕޮލެންޑުގެ ގްޑާންސްކްގެ ބަނދަރުތަކަށް މަޑުކުރާނެއެވެ. ޖުމްލަ 2،758 ޓީއީޔޫގެ މި ބޯޓުން މި ދަތުރުގައި 837 ޓީއީޔޫގެ މުދާ އުފުލުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އޮޓޯ ޕާޓްސް، ކެމިކަލް އުފެއްދުންތައް އަދި ގާތްގަނޑަކަށް 100 ހުސް ކޮންޓޭނަރު ހިމެނެއެވެ.
ޝިޕިންގެ ދާއިރާގައި ކުރިއަރާފައިވާ ދެކުނު ކޮރެއާއަށް، އާކްޓިކް ސަރަހައްދުން ދަތުރުފަތުރު ކުރުމަކީ ރައީސް ލީ ޖޭ މިޔުންގް ވަރަށް އިސްކަންދެއްވާ ކަމެކެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މީގެ ސަބަބުން ބުސާން ބަދަލުކޮށްލުމަށް އެހީތެރިވެދީ، 2030 ވަނަ އަހަރާ ހަމައަށް އާކްޓިކް އަކީ އާންމު ވިޔަފާރި މަގަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
ނަމަވެސް، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާ އެކަހެރިކޮށް ބޭއްވުމަށް އެދޭ ހުޅަނގުގެ ބައިވެރިންނާ ދެމެދު މި މަޝްރޫއުގެ ސަބަބުން ހިތްހަމަނުޖެހުން އުފެދުމުގެ ފުރުސަތު އެބައޮތެވެ. ސޯލްއިން ވަނީ މި ދަތުރާ ގުޅޭގޮތުން މޮސްކޯއާ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ގަނޑުފެނުގެ ތެރޭގައި ތާށިވުން ފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ބޯޓަށް އެހީތެރިކަން ބޭނުންވޭތޯ ބެލުން ހިމެނެއެވެ. އެހެންނަމަވެސް، މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން ދެކުނު ކޮރެއާގެ އޯޝަންސް މިނިސްޓްރީންނާއި ރަޝިޔާގެ ފޮރިން މިނިސްޓްރީން ޖަވާބެއް ދީފައެއް ނުވެއެވެ.
ނޯވޭގެ ސެންޓަރ ފޯ ހައި ނޯތު ލޮޖިސްޓިކްސް އިން ބުނާ ގޮތުގައި، މިދިޔަ އަހަރު 88 އުޅަނދަކުން މި މަގުން 103 ދަތުރު ކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ 97 ދަތުރާއި، 2022 ވަނަ އަހަރުގެ 43 ދަތުރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަޝިޔާ އަދި ޗައިނާ ފަދަ ގައުމުތަކުގެ އުޅަނދުފަހަރެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި އާކްޓިކްގެ ގަނޑުފެން ވިރެމުންދިއުމުގެ ސަބަބުން އުތުރުގެ މަގުން ދަތުރުކުރުން ފަސޭހަވެފައިވާއިރު، އެ ސަރަހައްދުގައި ދަތުރުފަތުރު އިތުރުވުމަކީ ދުނިޔެ ހޫނުވުން އަވަސްކޮށްދޭ ކަމެކެވެ.



