Tuesday, October 13
ނަތަންޔާހޫ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެދިނުމަށް އެދެން ތުރުކީން ނިންމައިފި

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ އުޅަނދުތަކަކަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ހިންގާ ޖިނާއީ މައްސަލައެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސްއެއް ނެރެދިނުމަށް އެދެން ތުރުކީން ވަނީ ނިންމާފައެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ހިންގި މި އަމަލާ ގުޅިގެން 35 މީހަކާ ދެކޮޅަށް ތަޙުޤީޤު ކުރިއަށްދާއިރު، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ވަނީ ނެރެވިފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެ ފަރާތްތައް ހޯދުމަށް ރެޑް ނޯޓިސް ނެރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖަސްޓިސް މިނިސްޓްރީން ވަނީ އިންޓީރިއާ މިނިސްޓްރީގައި އެދިފައެވެ.

މި މައްސަލަ އުފެދިގެން ދިޔައީ މެއި މަހުގެ ތެރޭގައި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ މަދުވެގެން ދެ އުޅަނދަކަށް އިސްރާއީލު ސިފައިން ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އިސްރާއީލުން ކުރީގެ މިޝަންތައް ހުއްޓުވުމާ ގުޅިގެން، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެކްޓިވިސްޓުން އަލުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ނޭޓޯގެ މެންބަރު ޤައުމެއް ކަމަށްވާ ތުރުކީއަކީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ އެއް ޤައުމެވެ. ތުރުކީން ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކަށް އެ ޤައުމު ޖަވާބުދާރީ ކުރުވުމަށްޓަކައި ޤާނޫނީ ގޮތުން ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށެވެ. މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ހަވާލުކުރުމުގެ މަރުޙަލާގައި ބޭނުންކުރާ ރެޑް ނޯޓިސް ނެރުމާމެދު އިންޓަޕޯލުން ގޮތެއް ނިންމާނީ މެންބަރު ޤައުމުތަކުން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމަށް ފަހުގައެވެ.

ރުކީގެ ނިންމުމަށް ރައްދު ދެމުން ނަތަންޔާހޫގެ އޮފީހުން ވަނީ، އިސްރާއީލުގެ ލީޑަރުންނާއި ސިފައިން ބިރުގަންނަވާލުމަށް ރައީސް އުރުދުޣާން ކުރައްވާ މަސައްކަތްތަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ބުނެފައެވެ.

ސީރިޔާގެ ވައިގެ މަރުކަޒަކަށް އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެންވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ސީރިޔާގައި އޮތް ތުރުކީގެ ނުފޫޒާމެދު އިސްރާއީލުން ކަންބޮޑުވުން ފާޅުކުރާއިރު، ތުރުކީން ބުނަނީ މިއީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން އިސްރާއީލުން ހިންގާ އަމަލުތަކެއް ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު