އީރާނާ ދެކޮޅަށް މިހާތަނަށް ނުފެންނަ ފަދަ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކެއް އަޅައި، އެ ގައުމު އެކަހެރިކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާއެކު، އީރާނާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ބާއްވާ ގައުމުތަކަށް ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެމެރިކާއިން ވަނީ އީރާނަށް ވާގިވެރިވާ އަދި އެ ގައުމާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް ވެސް ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ އިގްތިސާދު ހިފަހައްޓައިދޭ އެންމެ ބޮޑު ބައިވެރިއަކީ ޗައިނާ އެވެ. އެ ގައުމަކީ ދުވާލަކު އެވްރެޖްކޮށް 1.38 މިލިއަން ފީފާގެ ތެޔޮ ގަންނަ، އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް މެލޭޝިޔާ ނުވަތަ އިންޑޮނޭޝިއާގެ ތެޔޮ ކަމަށް ލޭބަލްކޮށްގެންނާއި ޗައިނާ ފައިސާއިން މުއާމަލާތް ކުރި ނަމަވެސް، ޗައިނާގެ ބޭންކުތަކާއި ރިފައިނަރީތަކަށް އެމެރިކާގެ ފިއްތުންތައް ވަނީ ބޮޑުވެފައެވެ. އަނެއްކޮޅުން، އީރާނަށް އެންމެ ގިނައިން މުދާ އެތެރެކުރާ އަދި ރީ-އެކްސްޕޯޓް ކުރާ މައި މަރުކަޒު ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ މަސްރަހު ނުތަނަވަސްވުމާ ގުޅިގެން ވަގުތީ ގޮތުން އީރާނާއެކު ކުރާ މާލީ އަދި އިގްތިސާދީ މުއާމަލާތްތައް މެދުކަނޑާލާފައެވެ.
އަވަށްޓެރި އިރާގުން އަހަރަކު 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވިޔަފާރިއެއް އީރާނާއެކު ކުރެއެވެ. ހާއްސަކޮށް ކަރަންޓު އުފެއްދުމަށް އީރާނުގެ ގުދުރަތީ ގޭހަށް އަހަރަކު 4-5 ބިލިއަން ޑޮލަރު އިރާގުން ދައްކަންޖެހޭއިރު، އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ފައިސާ ދެއްކުމުގައި ބަޣުދާދަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެއިތުރުން ތުރުކީން އަހަރަކު 5-6 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރާއިރު، އެ ގައުމަށް ބޭނުންވާ ގުދުރަތީ ގޭހުގެ 13 އިންސައްތަ އެތެރެކުރަނީ އީރާނުންނެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިންޑިއާ އިން އީރާނާއެކު ކުރާ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް، އިންސާނީ އެހީގެ ދަށުން ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އަދިވެސް އަންނަނީ އެކްސްޕޯޓް ކުރަމުންނެވެ. އަދި ސަރަހައްދީ އަވަށްޓެރިން ކަމަށްވާ އާމީނިއާ އަދި އަޒަރުބައިޖާން އާއެކު "ގޭހަށް ކަރަންޓު" ބަދަލުކުރުމުގެ އެއްބަސްވުންތަކާއި ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިތައް މެދުކެނޑުމެއްނެތި ކުރިއަށްދެއެވެ.
މީގެއިތުރުން ޕާކިސްތާނުން ނުރަސްމީ މަގުތަކުން 4 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރަމުންދާއިރު، ރަސްމީކޮށް މި ވިޔަފާރި 10 ބިލިއަން ޑޮލަރަށް ފުޅާކުރުމަށް ދެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ މި އިގްތިސާދީ ހަނގުރާމައިގެ ސަބަބުން އީރާނުގެ ތެލާއި ހަކަތައަށް ބަރޯސާވާ ގައުމުތަކުގެ ސަޕްލައި ޗޭނަށް ބުރޫއަރައި، ސަރަހައްދީ ވިޔަފާރިއަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.



