އެމެރިކާއިން އީރާނާ ދެކޮޅަށް ތާރީޚުގައި ވެސް ނާޅާހާ ވަރުގަދަ އަދި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ޗީފް ސްކޮޓް ބެސެންޓް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިތުރު އަސްކަރީ ބޮޑެތި އޮޕަރޭޝަންތަކަކަށް ދިއުމުގެ ބޭނުން ކުޑަވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބަޔާން ދެއްވާފައިވަނީ އީރާނަށް އެހީތެރިވާ ކޮންމެ ޤައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޤްތިޞާދީ ހަނގުރާމައެއް އިޢުލާނު ކުރެއްވިތާ އެއްދުވަސް ފަހުންނެވެ.
ބެސެންޓް ވިދާޅުވީ ހޯމަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ފަހުގެ ފިޔަވަޅުތަކުގެ ޕެކޭޖާ ބެހޭ އިތުރު ތަފްޞީލު ހާމަކުރައްވާނެ ކަމަށެވެ. އެމެރިކާގެ ކަނޑުގެ ބްލޮކޭޑަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، "މިއީ އެކަތިގަނޑަކަށް ދެވޭ ދެ ހަމަލާ. އަޅުގަނޑުމެންގެ ބްލޮކޭޑް އެބައޮތް، އަދި ތާރީޚުގައި ވެސް ނާޅާ ވަރުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނަން،" ކަމަށެވެ. މީގެ އިތުރުން މިއީ ވެރިކަން ވައްޓާލުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، ބައިވެރިންނާއި ދުނިޔޭގެ އެހެން ޤައުމުތަކުން ގޮތެއް ނިންމަންވީ ވަގުތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ ފިޔަވަޅުތައް ކުށްވެރިކޮށް، އެއީ "އިޤްތިޞާދީ ޓެރަރިޒަމް" ކަމަށް ސިފަކޮށްފައެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ވިދާޅުވީ، ޓްރަމްޕްގެ މި ވާހަކަތަކަކީ ރެކޯޑް މިންވަރަކަށް ދަރަނި އިތުރުވުމާއި އިންޓްރެސްޓް ރޭޓް މަތިވުން ފަދަ އެމެރިކާގެ އެތެރޭގެ މާލީ މައްސަލަތަކުން ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރި މަސައްކަތެއް ކަމަށެވެ.
އެނަލިޓިކްސް ފާމް 'ކެޕްލަރ' ގެ 2025 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އީރާނުން ބޭރުކުރާ ތެލުގެ 80 އިންސައްތައަށް ވުރެ ގިނައިން ގަންނަނީ ޗައިނާއިންނެވެ. މިކަމާ ގުޅިގެން ވޮޝިންގޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރުތަކަކީ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަންކަމެއް ނޫން ކަމަށާއި، ސިޔާސީ އަދި ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަ ހައްލުކުރުމަށް ގޮވާލާ ކަމަށެވެ.
އެމެރިކާއިން ދިން މާލީ އަދަބުތަކުގެ އިންޒާރުތަކާ ގުޅިގެން ތެލުގެ އަގު ވަނީ ފާއިތުވި ތިން ހަފުތާގެ އެންމެ މައްޗަށް އުފުލިފައެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ރައީސް ޓްރަމްޕަށް އޮތް ތާއީދުގެ ރޭޓިންގ ދަށަށް ގޮސްފައިވާއިރު، މިއީ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ ކޮންޓްރޯލް ގެއްލިދާނެ ފަދަ ސިޔާސީ ނުރައްކަލަކަށް ވަނީ ވެފައެވެ.



