އީރާނާ ދެކޮޅަށް އިޤްތިޞާދީ ފިޔަވަޅުތައް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމު އެކަހެރިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ. އީރާނަށް އިޤްތިޞާދީ ގޮތުން އެހީތެރިވާ ކޮންމެ ޤައުމަކަށް މާލީ އަދަބު ދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވި ނަމަވެސް، އީރާނުގެ މުހިންމު ވިޔަފާރި ބައިވެރިން ކަމުގައިވާ ޗައިނާއާއި ރަޝިޔާގެ މައްޗަށް އެމެރިކާގެ ނުފޫޒު ކުޑަކަމަށް އެނަލިސްޓުން ފާހަގަކުރެއެވެ.
ކެޕްލަރގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު އީރާނުން ބޭރުކުރި ތެލުގެ 80 އިންސައްތަ ގަނެފައިވަނީ ޗައިނާއިންނެވެ. މި ތެޔޮ ސާފުކުރާ ގިނަ ކާރުޚާނާތަކަކީ އެމެރިކާގެ މާލީ ނިޒާމަށް ބަރޯސާވާ ތަންތަނަށް ނުވާތީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އޭގެ މައްޗަށް ކުރާ މިންވަރު ކުޑައެވެ. މިކަމާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ގޮވާލައްވާފައެވެ.
ރަޝިޔާއަކީ މިހާރުވެސް އެމެރިކާގެ ފުޅާ ދާއިރާއެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައިވާ ޤައުމަކަށްވާތީ، ވޮޝިންގޓަންގެ އިންޒާރުތަކުގެ އަސަރު މޮސްކޯއަށް ކުޑައެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަޝިޔާއާއި އީރާނުން ވަނީ 20 އަހަރުގެ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ކުރެވުނު ވިޔަފާރި 4.8 ބިލިއަން ޑޮލަރަށް އުފުލިފައިވާއިރު، ކެސްޕިއަން ކަނޑު މެދުވެރިކޮށް ދެ ޤައުމުގެ މެދުގައި އަސްކަރީ ސާމާނު ބަދަލުކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އެމެރިކާގެ އަމަލުތައް ކުށްވެރިކުރައްވައި، އެއީ "އިޤްތިޞާދީ ޓެރަރިޒަމް" ކަމަށާއި މިއީ ދުނިޔޭގެ އިޤްތިޞާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އީރާނުން މިހާރު ދަނީ ބްރިކްސް ޖަމާއަތާއި އެ ޖަމާއަތުގެ ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންބީޑީ) އާ ގުޅިގެން، ހުޅަނގުގެ މާލީ ނިޒާމުގެ ބޭރުން އަމިއްލަ ފައިސާއިން މުއާމަލާތް ކުރެވޭނެ އާ މަގުތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ.



