Tuesday, October 13
ކީރިތި ރަސޫލާއަށް ލޯބިކުރުމާއި އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމުގެ މުހިންމުކަން

މިއަދުގެ ހުކުރު ޚުޠުބާ އަލިއަޅުވާލާފައިވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމާއި، އެކަލޭގެފާނުގެ މާތް ސުންނަތަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށެވެ۔ ﷲ ތަޢާލާ ޙަޟްރަތުގައި ޤަބޫލުކުރެވޭނެ ހަމައެކަނި ދީނަކީ އިސްލާމްދީންކަން ފާހަގަކުރައްވައި، މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައި ކީރިތި ރަސޫލާ ފޮނުއްވި މަޤްޞަދާއި އެކަލޭގެފާނުގެ މާތް ސިފަފުޅުތަކުގެ ތަފްސީލު ޚުޠުބާގައި ބަޔާންކޮށްދެއްވިއެވެ۔

ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތީ ބުދަށާއި، ގަސްގަހާގެއްސާއި، އަލިފާނާއި، އެކި ބާވަތުގެ ތަކެއްޗަށް އަޅުކަންކުރުމުގެ ތެރޭގަ އެވެ۔ އެ ޒަމާނުގައި އިންސާނުން މުދަލުގެ ގޮތުގައި ގަނެވިއްކައި، އަނިޔާވެރިކަން އިންތިހާއަށް ގޮސް، އަންހެން ކުދިން ދިރިއުޅެނިކޮށް ފަސްދާނުލައި، ރާއާއި ސޫދުގެ މުއާމަލާތްތައް އާންމުވެފައިއެވެ۔ ނަމަވެސް، ކީރިތި ރަސޫލާ މާތްﷲގެ ރަސޫލާގެ ގޮތުގައި ފޮނުއްވުމާއެކު، އެ އަނދިރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތްކުރައްވައި ތެދުމަގުގެ އަލިކަން ދެއްކެވިއެވެ۔

ކީރިތި ރަސޫލާއަށް އީމާންވުމަކީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މާތް ސުންނަތަށް އިޙްތިރާމްކުރުމެވެ۔ އެއްވެސް މުސްލިމެއްގެ އީމާންކަން ތިމާގެ އަމިއްލަ ނަފްސަށްވުރެއާއި، މުދަލާއި، އާއިލާއަށްވުރެ ކީރިތި ރަސޫލާ ދެކެ ބޮޑަށް ލޯބިވެގެން މެނުވީ ފުރިހަމަނުވާނެއެވެ۔ އަދި އެކަލޭގެފާނަށް މަލާމާތްކޮށް، ފުރައްސާރަކުރުމަކީ އިސްލާމްދީނުން ބޭރުވާކަމެއްކަމާއި، އެފަދަ ފަރާތްތަކަށް ﷲގެ ލަޢުނަތާއި ކޯފާ ހުރިކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ۔ އިތުރު އެކަލޭގެފާނު ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ.

"ތިޔަބައިމީހުން ކުރެ މީހެއްގެ މައިންބަފައިންނާއި، ދަރީންނާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް،ތިމަންކަލޭގެފާނު ދެކެ އެމީހަކު ލޯބިވެއްޖެއުމަށް ދާންދެން، އެ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާހުއްޓެވެ."

 ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ އެންމެ ބޮޑު އެއް ނިޝާނަކީ އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ފޮނުވުމެވެ. މާތްﷲ ވަނީ ކީރިތި ޤުރްއާނުގައި އެކަލާނގެއާއި މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް އަޅުއްވާކަން ބަޔާންކުރައްވައި، މުއުމިނުންނަށްވެސް އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ފޮނުވުމަށް އަމުރުކުރައްވާފައެވެ. އަކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

"إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا"

މާނައީ:"ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!"

ކީރިތި ރަސޫލާ ދެކެ ޙަޤީޤީ ލޯބިވުމުގެ އެންމެ ބޮޑު މިންގަނޑަކީ އެކަލޭގެފާނު ދެއްކެވި ތެދުމަގާއި، އަޚްލާޤީ މިންގަނޑުތަކުގައި ހިފެހެއްޓުމެވެ۔ އޭގެ ތެރޭގައި ތެދުވެރިކަމާއި، ކެތްތެރިކަމާއި، ޢަދުލުވެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އޯގާތެރިކަން ހިމެނެއެވެ۔ އަދި އެކަލޭގެފާނަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަނުމަށް އޮތް ސީދާ މަގުކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ۔

ޚުޠުބާ ނިންމާލައްވަމުން ވަނީ، ﷲ ތަޢާލާ ބާވައިލެއްވި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ސާބިތުވެ ތިބުމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި އެކަލޭގެފާނު ދެއްކެވި ނަމޫނާއިން ހަޔާތް ބައްޓަންކުރުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކުރައްވަމުންނެވެ۔

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު