"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
ނ. މަނަދޫއަށް ވަޑައިގެން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖެއް އާއިލާއަށް ރައްދުކޮށްދެއްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށްގެންދަވާ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނާފިޢު ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވި ހިތާމައިގައި މުޅި މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވާން ނުކުމެ ނާފިޢު ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި، ފުލުހުންގެ މުއައްސަސާ އަބަދުވެސް އާއިލާއާއެކު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން މި އޯގަސްޓު މަހުގެ 12 ވަނަ ދުވަހު މިނިސްޓަރާއި ސީޕީ ވަނީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާވެސް ބައްދަލުކުރައްވާފައެވެ.
މި ހާދިސާއަކީ މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ދޯނި ދިޔަވެގެން އޮގަސްޓް 5 ގައި ހިންގި ސަލާމަތީ އޮޕަރޭޝަންގެ ތެރެއިން ހިނގި ހާދިސާއެކެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށި މުޙައްމަދު ޙަމްދޫން (35އ) އާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) ވަނީ ގެއްލިފައެވެ.



