ހަލާކުވެ ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އެކުލަވާލާފައިވާ ޕްލޭނަށް އެހީތެރިވުމުގެ ގޮތުން، އެތަނުގައި ގާއިމުކުރުމަށް ހުށަހަޅާފައިވާ ސުލްހަ ބަލަހައްޓާ ފޯސްއަށް 206 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފޮނުވާނެ ކަމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން ކޮންގްރެސްއަށް ވަނީ އަންގާފައެވެ. މި އެހީއަކީ މިހާރު ހުއްޓިފައިވާ މި ޕްލޭނަށް ދިނުމަށް ކަނޑައެޅުނު ފުރަތަމަ މުހިންމު ފަންޑިންގެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ކޮންގްރެސްއަށް އަންގާފައިވާ ގޮތުގައި، އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައި.އެސް.އެފް) ގެ އިކުއިޕްމަންޓާއި، އުމްރާނީ ވަސީލަތްތަކާއި، އުޅަނދުފަހަރު އަދި އޮޕަރޭޝަނަލް ހަރަދުތަކަށް 200 މިލިއަން ޑޮލަރު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، އެ ފޯސްއަށް އެހީތެރިވުމަށްޓަކައި އެމެރިކާގެ ހަތިޔާރު އެޅި އުޅަނދުތައް އެކަށޭނަ ގޮތަށް ބަދަލުކުރުމަށް އިތުރު 6 މިލިއަން ޑޮލަރު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަންޑިންގ އަކީ ސުލްހަ ބަލަހައްޓާ ފޯސްއަށް އެމެރިކާއިން ކުރާ ފުރަތަމަ އަމަލީ ހޭދައެވެ. ނަމަވެސް، މި ޕްލޭން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޝަރުތުތަކަށް އިސްރާއީލާއި ހަމާސްއިން ދަނީ ދެކޮޅު ހަދަމުންނެވެ. ޓްރަމްޕްގެ މަންދޫބު ޖެރެޑް ކުޝްނަރ ދާދިފަހުން ހަމާސްގެ އޮފިޝަލުންނާއި އިސްރާއީލުގެ ލީޑަރުންނާ ބައްދަލުކުރެއްވި ނަމަވެސް، ދެފަރާތުން ޝަރުތުތަކަށް ދޫނުދިނުމުގެ ސަބަބުން އެއްވެސް ކުރިއެރުމެއް ނުލިބި ވަނީ އެނބުރި ވަޑައިގެންފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ ހަތިޔާރު އެއްކޮށް ނައްތާނުލެވެނީސް އިސްރާއީލު ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން ހަމާސްއިން ބުނަމުންދަނީ އެއްބަސްވުން ތަންފީޒުކުރެވޭނީ އިސްރާއީލުން ހަމަލާތައް ހުއްޓާލައި ސިފައިން ބޭލުމުން ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، "ރައީސްގެ ތާރީޚީ 21 ނުކުތާގެ ޞުލްޙައިގެ ޕްލޭން ފުރިހަމައަށް ތަންފީޛުކުރުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް އަޒުމް ކަނޑައަޅައިގެންނެވެ. އަދި އައިއެސްއެފް އަކީ މި ޕްލޭންގެ މުހިންމު ބައެކެވެ."
މިހާތަނަށް އައިއެސްއެފް އަށް ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާއިން އެއްބަސްވެފައިވާއިރު، މިސްރާއި އުރުދުންއިން ވަނީ ފުލުހުން ތަމްރީނުކުރުމަށް ވައުދުވެފައެވެ. ނަމަވެސް ސިފައިން ފޮނުވޭނެ ވަކި ތާރީޚެއް އަދިވެސް ސާފެއް ނުވެއެވެ.



