އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ވޮޝިންގޓަނުން ތެހެރާނަށް ދޭ ޕްރެޝަރު ވަރުގަދަކުރުމުގެ ގޮތުން އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ވަރުގަދަ އިގުތިސާދީ އޮޕަރޭޝަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ. އަދި އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް އިންތިހާއަށް ބޮޑެތި އިގުތިސާދީ ގެއްލުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ބުދަ ދުވަހު ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގައި އީރާން ނާކާމިޔާބުވެފައިވާ ކަމަށާއި، އެ ގައުމަށް މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އިގުތިސާދީ ހަނގުރާމައަކާއި އެކަހެރިކުރުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އެ ގައުމެއްގެ މާލީ އިދާރާތައް، ވިޔަފާރިތައް، އެއާޕޯޓްތައް ނުވަތަ ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް އީރާނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ތެޔޮ ވަގަށް ބޭރުކުރުމާއި، ސްވޮޕް ލައިންތަކާއި، ފައިސާ ފޮނުވުމާއި ފްރަންޓް ކުންފުނިތައް ހިންގުން ވަގުތުން ހުއްޓާލުމަށް އަންގަވައި، މިއީ "އިގުތިސާދީ ޑީ-ޑޭ" އަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
މި އިއުލާނާ ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ އެއްވެސް އާ ކަމެއް ނޫން ކަމަށް ބުނެ ރައްދު ދީފައެވެ. އައި.އާރު.އައި.ބީ ސްޓޭޓް ބްރޯޑްކާސްޓަރުން މިއީ އަސްކަރީ ގޮތުން ދިން ހަމަލާތައް ނާކާމިޔާބުވުމުން ނެރުނު ބަޔާނެއްގެ ގޮތުގައި ސިފަކުރިއިރު، ތަސްނީމް އަދި ފާރސް ނިއުސް އެޖެންސީން ބުނެފައިވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާނެ ގޮތް ތެހެރާނަށް އެނގޭ ކަމަށެވެ. އަލްޖަޒީރާގެ މައިކް ހަންނާ ރިޕޯޓްކުރި ގޮތުގައި، މި ނިންމުމުން ދައްކުވައިދެނީ ފަސް މަސް ދުވަސްވީ ހަމަނުޖެހުން ހައްލުނުވެ ދިގުލައިގެން ދިއުމުން އުފެދިފައިވާ މާޔޫސްކަމެވެ.
ބްރެންޑައިސް ޔުނިވަރސިޓީގެ ޕްރޮފެސަރ ނާދިރު ޙަބީބީ ފާހަގަކުރެއްވި ގޮތުގައި، ޔޫއޭއީގެ އިތުރުން ޗައިނާ، އިރާޤު އަދި ތުރުކީ ފަދަ ޤައުމުތަކަށް ޓްރަމްޕްގެ އަމާޒު ހިފިދާނެއެވެ. އެހެންނަމަވެސް، އެމެރިކާގެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދިނުމަށް ޗައިނާ ސަރުކާރުން އެ ޤައުމުގެ ކުންފުނިތަކަށް އަންގާފައި އޮތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮބްސިޑިއަން ރިސްކް އެޑްވައިޒަރގެ ބްރެޓް އެރިކްސަން ވިދާޅުވީ، އީރާނާއެކު މުއާމަލާތްކުރާ ޗައިނާގެ ބޭންކުތަކަށް ފިޔަވަޅު އެޅުމަކީ ނުފޫޒު ފޯރުވޭނެ ކަމެއް ނަމަވެސް، އެމެރިކާގެ މި ކެމްޕޭނަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަގުތު ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ކުރާ އިޤްތިޞާދީ ހަނގުރާމައިގެ ނަތީޖާ އަވަސް މުއްދަތެއްގެ ތެރޭގައި ނެރެން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



