Monday, October 12
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ޔަޒްމީދު ޢައްޔަންކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުޙައްމަދު ޢައްޔަންކޮށްފިއެވެ.

ޔަޒްމީދު މި މަޤާމަށް ޢައްޔަންކޮށްފައިވަނީ 23 އޮގަސްޓު 2026 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޔަޒްމީދު އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ، ގަވަރނަންސް އާއި، އޮޑިޓިންގ އާއި، އެންޓި-ކޮރަޕްޝަން އާއި، އެކައުންޓިންގ އާއި، ފައިނޭންސް އާއި، ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.

ޔަޒްމީދު ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ފާހަގަކުރެވެއެވެ.

ޔަޒްމީދު އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު