Wednesday, October 14
ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް އާދަމް ޝަމީމް ޢައްޔަންކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ދ. މާއެނބޫދޫ، މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސާފައިވަނީ އެ ކޮމިޝަނުން 8 ޖުލައި 2026 ގައި ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ. އެގޮތުން، މި މަޤާމަށް ބޭފުޅަކު ހޮވުމަށް އެކުލަވާލި އިންޓަރވިއު ޕެނަލުން ކޮމިޝަނަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުގެ މަތީން، ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއިން އެންމެ މަތީ މާކްސް ހޯއްދެވީ އާދަމް ޝަމީމެވެ. މި މަޤާމަށް 10 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ޑީޖޭއޭގެ އެންމެ އިސް ވެރިޔާގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މި އަހަރުގެ އޭޕްރީލް މަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މިހާރު ހުންނެވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައެވެ.

ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ އާދަމް ޝަމީމަކީ "އާދަމް ޝަމީމް ލީގަލް" ލޯފަރމްގެ އިސްވެރިޔާއެވެ. އޭނާއަކީ 2012 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ހުއްދަ އޮންނަ، އަދި 24 ނޮވެންބަރު 2013 ގައި ހައިކޯޓުގައި އަދި 29 ޖަނަވަރީ 2019 ގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ވަކީލެކެވެ.

މީގެއިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފީ މައްސަލަތަކުގައި އެމަނިކުފާނުގެ ދިފާޢީ ވަކީލުންގެ ޓީމުގައި ވެސް ޝަމީމް މަސައްކަތް ކުރެއްވިއެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޝަމީމަކީ، މީގެކުރިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަޤާމު ހުސްވި ދަނޑިވަޅެއްގައި އެ މަޤާމަށް ކުރިމަތިލުމަށްޓަކައި ކުށުގެ ރެކޯޑު ވެސް ސާފުކުރެއްވި ބޭފުޅެކެވެ.

ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް އާދަމް ޝަމީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު