މި އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 1.4 އިންސައްތަ އިތުރު އަދަދެކެވެ.
އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އިން 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ 10.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރެއިން ޓީ.ޖީ.އެސް.ޓީގެ ހިއްސާއަކީ 7.1 ބިލިއަން ރުފިޔާއެވެ.
އިތުރު ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 13.2 އިންސައްތަ އިތުރުވެ 2.0 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް 18.5 އިންސައްތަ އިތުރުވެ 5.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު 454.8 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.
ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ، އަދި ސަބްސިޑީއަށް 3.2 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އާސަންދައަށް ކުރި ޚަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް ޚަރަދުތައްވެސް 7.0 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.
ސަރުކާރުން ދަރަނި އަދާކުރުމަށް ކުރާ ހޭދައަށް ބަލާއިރު، ބޭރުގެ ލޯނުތައް ދެއްކުމަށް 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 146.0 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ފިސްކަލް ބެލެންސްއިން 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެވެއެވެ.



