ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ރާޅެއް އަރައި ދިޔަވެ ބަންޑުންޖަހާލައިގެން އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ 22:37 ހާއިރުއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ. މި ތިން މީހުން ކަނޑުވެ ގެއްލިފައިވަނީ ދޯނި ދިޔަވާތީ ފެން ހިއްކުމުގެ މަސައްކަތުގައި ތިއްބާ ދޯނި އަރިއަޅާލައިގެންނެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް މިވަގުތު ދީފައިވަނީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނަށެވެ. އަދި މީހުން ހޯދުމުގެ މަސައްކަތަށާއި، އަޑިއަށްދިޔަ އުޅަނދާ ގުޅޭ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ޤައުމުތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިއީ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ދަތި އުނދަގޫ ވަގުތެއް ކަމަށާއި، ހޯދުމުގެ މަސައްކަތުގައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން ލިބެންހުރި ހުރިހާ ވަސީލަތްތަކުގެ ބޭނުން މެދުނުކެނޑި މަސައްކަތްކުރަމުންނެވެ.



