Saturday, October 17
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްދުގައި: ސީޕީ

ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސީ، ފުލުހުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން ހާދިސާއާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި މި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ސީޕީ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ވަނީ މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް، ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައެވެ.

މި ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތްތައް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ސީޕީ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އިތުރު ތިން ސައިކަލެއް ހަރަކާތްތެރިވިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެ މީހުންނާއި، މިކަމުގައި ޝާމިލުވި އިތުރު ދެ މީހަކު ސައިކަލަކާއެކު ހޯދައި، ޖުމްލަ ހަތަރު މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސީޕީ ވަނީ ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަގުމަތީގެ އަމަންއަމާންކަން ކަށަވަރުކުރުމަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅާ ގާނޫނީ ފިޔަވަޅުތައް ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށިކުރާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އެކުލަވާލާފައިވާ އައު ޓްރެފިކް ގާނޫނު މި މަހު ތަންފީޒުކުރަން ފަށާފައިވާއިރު، މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާތީ، ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު