މާލޭގެ އަމީނީމަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި، މަގު ހަލާކުވެފައިވާތީ އެ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރޭ ފަށައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ސެގްމަންޓުގެ މަސައްކަތެވެ. މި މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ރޭގެ ވަގުތެއްގައި އެ ސަރަޙައްދަށް ގެންގޮސްފައިވާއިރު، މިއަދު ވަނީ އަމަލީ ގޮތުން މަގު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ. ފުރަތަމަ ސެގްމަންޓުގެ ގޮތުގައި މަރާމާތު ކުރަނީ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، މަސައްކަތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ޚާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ތާރުގަނޑު އުފުލި މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފަންނީ ބޭފުޅުން ފާހަގަކުރާ ގޮތުގައި މަގު މިހާ އަވަހަށް ހަލާކުވީ ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް ބަސް ފަދަ ބަރު އުޅަނދުތަކަށް މަގު ހުޅުވާލުމުންނެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ.
މަގު މަރާމާތުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ ބަންދުކޮށްފައެވެ. މި ބަދަލާ ގުޅިގެން އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.



