Thursday, November 5
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ.

އޭސީސީން ހާމަކުރި ގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމެވެ. މީގެ އިތުރުން ދެ އިދާރާގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން މި ފަހުމުނާމާގައި ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ޒިންމާތަކަށް ބަލާއިރު، އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަޙުޤީޤުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. އަދި ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ޤާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަޞީލަތްތައް ހިއްސާކުރުން ވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު