ނިމިގެންދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި އޮގަސްތު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 އިންސައްތަ) ހުށަހަޅާފައިވެއެވެ.
އަދި، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައެއް (19.05 އިންސައްތަ) އަދި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް (7.14 އިންސައްތަ) ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް (11.90 އިންސައްތަ) މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުއްޓުވުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ މިފަދަ ސްކޭތަކުގައި، ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަނޫން ސްލިޕް ފޮނުވައި، ކުއްލި ބޭނުމަކު ބުކިންގ ކެންސަލްކުރަން ޖެހުނުކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމަށާއި، އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ (ކޭޝް އޮން ޑެލިވަރީ) އުސޫލަށް އިސްކަންދިނުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ސޯޝަލް މީޑިއާ ގްރޫޕްތަކުގެ ބަދަލުގައި، ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުގެ ޚިދުމަތް ހޯދުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، ހަމައެއާއެކު، ގާތް ރައްޓެއްސަކު ނުވަތަ އާއިލާގެ މެންބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.



