Thursday, November 5
ތިލަފުށި ފެސިލިީޓއަށް ކުނި ވަކިނުކޮށް ގެންނަ އުޅަނދުތަކަށް ޚިދުމަތެއް ނުލިބޭނެ: ވެމްކޯ

ތިލަފުށީގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކުނި ބަލައިގަތުމުގައި ގެންގުޅޭ އުޞޫލުތަކަށް ބަދަލުތަކެއް ގެނެސް، ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކަށް ޚިދުމަތް ނުދޭން ނިންމައިފިކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިޢުލާންކޮށްފިއެވެ.

ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި ރާއްޖޭގެ ނިސްބަތުން ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށި ފެސިލިޓީއަށް ގެނެވޭ ކުންޏެވެ. ނަމަވެސް، މި ފެސިލިޓީއަށް ގެނެވޭ ކުނި ހުންނަންޖެހޭނީ އުޞޫލާ އެއްގޮތަށް ވަކިކުރެވިފައި ކަމުގައި ވީނަމަވެސް، ގިނަ ކަސްޓަމަރުން ގެންނަ ކުނި ހުންނަނީ ވަރަށް ބޮޑަށް އެއްކުރެވިފައެވެ.

ކުނި ވަކިނުކޮށް އެއްކޮށް ގެނައުމުގެ ސަބަބުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ވެމްކޯއިން ފާހަގަކުރެއެވެ. މިގޮތުން، ދާދިފަހުން ތިލަފުށީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ގެނެވޭ ކުނިތައް ވަކިނުކޮށް އެއްކޮށްފައި ހުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިހާރު ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން، ތިލަފުށީ ފެސިލިޓީއަށް ގެންނަ ކުނި މައިގަނޑު ތިން ބަޔަކަށް ވަކިކޮށްފައި ހުންނަންވާނެއެވެ. އެއީ:

  • ގާކުނި
  • ބޮޑެތި ކުނި
  • އެހެނިހެން ކުނި

ޚާއްޞަކޮށް، ގާކުނި ހުންނަންވާނީ އެހެނިހެން ކުންޏާ އެއްނުވާނޭހެން ވަކިކުރެވިފައެވެ. ވެމްކޯއިން ބުނި ގޮތުގައި، ކުނި ވަކިކުރުމަކީ ދެމެހެއްޓެނިވި އުޞޫލަކުން ކުނި މެނޭޖްކުރުމަށާއި، ކޯޕަރޭޝަންގެ މުވައްޒަފުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ.

މި އުޞޫލާ ޚިލާފަށް، ކުނި ވަކިނުކޮށް އެއްކޮށްގެން ގެންނަ ފަރާތްތަކަށް ތިލަފުށި ފެސިލިޓީއިން ޚިދުމަތް ފޯރުކޮށްނުދޭނެ ކަމަށް ވެމްކޯއިން ވަނީ އަންގާފައެވެ. އަދި ގަވާއިދާ އެއްގޮތަށް ކުނި އުކާލެވޭކަން ކަށަވަރުކުރުމުގެ ގޮތުން، ކުނި ވަކިކޮށް އިޞްލާޙުކުރުމަށް އަނބުރާ ފޮނުވާލެވޭ އުޅަނދުފަހަރުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން، ކުނި ލޯޑުކުރުމުގައި ލޭންޑިންގް ކްރާފްޓްގެ ކުރެހުމުގައިވާ ގޮތަށް ކުނި އަތުރައިގެން ގެނައުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު