އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ ޔޫރަޕްގެ ޤައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް އިރާނާ ދެކޮޅަށް ބޭނުންކޮށްފާނެތީ އެކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ މަރުކަޒުތައް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ބަލްގޭރިއާގެ ބޭޒްމަރް އެއަރ ބޭސްގައި އެމެރިކާގެ އަސްކަރީ ބޯޓުތައް ބޭތިއްބުމަށް ނިންމާފައިވާ ނިންމުމާ މެދު އަރަޤްޗީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ނިންމުން އަލުން މުރާޖަޢާ ކުރުމަށް އޭނާ ވަނީ ބަލްގޭރިއާ ސަރުކާރަށް ގޮވާލައްވާފައެވެ.
އިރާނުން ދެކޭގޮތުގައި އެމެރިކާއަށް މިފަދަ ފުރުޞަތުތައް ދިނުމަކީ އިރާނާ ދެކޮޅަށް ހިންގާ ޢުދުވާނަކަށް މަގުފަހިކޮށްދިނުމެވެ. އަދި މިފަދަ ކަންކަމަށް ފުރުޞަތުދޭ ޤައުމުތަކުން އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް އިރާނުގެ ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ. މީގެ އިތުރުން ސައިޕްރަސްގައި ހުރި ބޭރުގެ އަސްކަރީ މަރުކަޒުތައް އިރާނާ ދެކޮޅަށް ބޭނުންކުރުން ހުއްޓުވުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރާ ގުޅުއްވައި އަރަޤްޗީ ވަނީ މަޝްވަރާ ކުރައްވާފައެވެ.
ބަލްގޭރިއާގެ ޕާލިމެންޓުން އެމެރިކާގެ އަސްކަރީ ބޯޓުތަކާއި ސިފައިން ތިބުމުގެ ހުއްދަ ދީފައިވީ ނަމަވެސް، އެ ޤައުމުން ބުނަނީ މިއީ ޙަމަލާދޭން ދިން ހުއްދައެއް ނޫން ކަމަށާއި މީގެ ސަބަބުން އެ ޤައުމު ހަނގުރާމައިގެ ބައިވެރިއަކަށް ނުވާނެ ކަމަށެވެ. ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސައިޕްރަސްގައި ހުންނަ އިނގިރޭސި އަސްކަރީ މަރުކަޒަކަށް މީގެ ކުރިން އިރާނުގެ ޑްރޯން ޙަމަލާއެއް އަމާޒުވެފައިވެއެވެ.
އިނގިރޭސިވިލާތުން އެ ޤައުމުގެ ދިފާޢީ ކަންކަން ދަމަހައްޓާނެ ކަމަށް ބުނުމާ ގުޅިގެން، އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އިނގިރޭސިވިލާތަށްވެސް އިންޒާރު ދީފައެވެ. މި މަސްރަޙަކީ މެދުއިރުމަތީގެ ނުތަނަވަސްކަން ޔޫރަޕްގެ ސަރަޙައްދުތަކަށް ފެތުރިގެންދާނެ ކަމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި ބެލެވެއެވެ.



