ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ގެންގުޅޭ ހަތިޔާރު އެއްކޮށް ހުސްކުރުމުގެ މަޝްވަރާތަކުގައި އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ. މިސްރުގެ ޤާހިރާގައި ކުރިއަށްދިޔަ މި މަޝްވަރާތަކަކީ މަރުހަލާތަކަކަށް ބަހާލައިގެން ހަތިޔާރު ނައްތާލުމަށް ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ގޮތުގައި ރައީސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޓްރަމްޕް އުއްމީދީ ވާހަކަފުޅުތަކެއް ދެއްކެވި ނަމަވެސް، ހަމާސް ޖަމާއަތުން މިކަން މުޅިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހަމާސްއިން ބުނަމުންދަނީ މިއީ ހަމައެކަނި "ޑްރާފްޓް" އެއް ނުވަތަ ލިޔުމެއްގެ ކުރެހުމެއް ކަމަށެވެ. އަދި ޣައްޒާއިން އިސްރާއީލުގެ ސިފައިން ފައިބައިގެން ނުދަނީސް ހަތިޔާރު ހުސްކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
އިސްރާއީލުން މި އެއްބަސްވުމާ މެދު ބޮޑެތި ޝައްކުތަކެއް އުފައްދާފައިވާއިރު، އެ ގައުމުން ބޭނުންވަނީ ޣައްޒާގެ މުޅި އަސްކަރީ ބާރު ނެތިކޮށްލުމަށެވެ. ނަމަވެސް ހަމާސްއިން ހުށަހަޅާފައިވަނީ ބަރު ހަތިޔާރުތައް ނައްތާލުމުގެ ބަދަލުގައި، އެ ތަކެތި ފަލަސްޠީނުގެ އިދާރާއެއްގެ ބެލެނިވެރިކަމުގެ ދަށުގައި ބެހެއްޓުމަށެވެ.
މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އިތުރުކުރުމާއި، ފަލަސްޠީނުގައި މަދަނީ ސަރުކާރެއް އުފެދި އެސަރުކާރުން ޣައްޒާގެ ވެރިކަން ކުރުން ހިމެނެއެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤްވާމީ ސަލާމަތީ ބާރެއް ޤާއިމްކުރުންވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިފަދަ ސިޔާސީ މަޝްވަރާތަކެއް މަތީ ފަންތީގައި ހިނގަމުންދާއިރުވެސް، ޣައްޒާގެ މަޝްރަޙު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މި ޙަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮންމެ ދުވަހަކު ޝަހީދުވަމުންނެވެ.



