މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ކ. މާފުށީ ބޭރުގައި އޮންނަ "ޕްރިންސެސް ލާލަ" މާފުށީ ފްލޯޓިން ބާ ނަގިލި ކަހާލައިގެން ގޮސް، އެ ރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ މުޅިން ފުނޑުފުނޑުވެއްޖެއެވެ.
މިއަދު ހެނދުނު 10:15 ހާއިރު ހިނގި މި ހާދިސާގައި، ސަފާރީ ފަރުމައްޗަށް ބީހުމުން އޭގައި ތިބި ބައެއް މީހުން ވަނީ މޫދަށް ފުއްމާލާފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހާދިސާ ހިނގި ވަގުތު އުޅަނދުގައި 6 މީހަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މާފުއްޓަށް ދާ ފަތުރުވެރިންނަށް ހާއްސަކޮށްގެން އަބަދުވެސް ފަރުމަތީގައި އޮންނަ މި ސަފާރީ ފުނޑުފުނޑުވެފައިވަނީ، ހުޅަނގު މޫސުމުގެ ބޯވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނިކޮށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެއެވެ.



