Thursday, November 5
އިނާޔަތާއެކު އަމިއްލައަށް ވަކިވާން އެދޭ މުވައްޒަފުންނަށް ފައިސާ ދޫކޮށްފި: ފެނަކަ

ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ފެށި "ރައިޓް ސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތްތައް ދޫކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި، މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު އިނާޔަތެއް ލިބޭނެ ގޮތަށް ވަކިވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ޚާއްޞަ ރިޑަންޑަންސީ އުސޫލެއް އެކަށައަޅާފައިވާ ކަމަށެވެ. މި އުސޫލު 20 މެއި 2026 ގައި ސާކިއުލާއެއްގެ މެދުވެރިކޮށް މުވައްޒަފުންނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އިނާޔަތާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު 2 ޖޫން 2026 ގައި ހުޅުވާލުމަށްފަހު، އެކަމުގެ ތަފްސީލީ އުސޫލުތައް 4 ޖޫން 2026 ގައި ވަނީ މުވައްޒަފުންނަށް އަންގާފައެވެ. އެ އުސޫލުގެ ދަށުން، 4 މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ލިޔުމުން ހުށަހެޅުމުން، ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަޒީފާއިން ވަކިކޮށްފައީވާ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި، މި އުސޫލުގެ ދަށުން ވަކިވާން އެދި ހުށަހެޅި ހުރިހާ މުވައްޒަފުންނާއެކު އެއްބަސްވުން ހަދައި، އެ އެއްބަސްވުންތަކާ އެއްގޮތަށް 4 މަހުގެ މުސާރައަށްވާ ފައިސާ މިހާރު ވަނީ ދޫކޮށްފައެވެ.

ނަމަވެސް، މި މައްސަލައިގައި ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބަޔާންކުރެއެވެ. އަދި ކުންފުނިން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާނެ ފަދަ ގޮތަކަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު