ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން ށ. ބިލެތްފަހި ކައުންސިލު އިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ފުރާޅު އެޅުމުގެ މަސައްކަތާއި، ފެންވައިރު ކުރުމުގެ މަސައްކަތުގެ އިތުރުން އިންފާރުގެ މަސައްކަތެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.
ސަރުކާރުން ވަނީ ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މި ދައުރު ނިމުމުގެ ކުރިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ނިންމައިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.



