އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، މިހާރު ރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް (ޔޫ.އޭ.އީ) ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސް މަޖިލީހަށް ފޮނުއްވި މި ހުށަހެޅުއްވުމާ ގުޅިގެން، މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ޤާނޫނުއަސާސީ އާއި ފޮރިން ސަރވިސް ޤާނޫނު ބަޔާންކުރާ ގޮތުގެ މަތިން، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ސަފީރުން ނުވަތަ ދާއިމީ މަންދޫބުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. އެހެންކަމުން، އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު ރަސްމީކޮށް އައްޔަން ކުރެވޭނީ، މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ބަލައި ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އޭނާއަށް ރުހުން ލިބިވަޑައިގަތުމުންނެވެ.
މީގެ ކުރިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމު ފުރުއްވާފައިވަނީ، ކުރިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.



