މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ ޕިކްޕޯސްޓުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި އިފްތިތާހުކޮށް، އެ ތަނުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފިއެވެ. ކުޅުދުއްފުށީގައި ހުންނަ ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ހަނދާނީ ބިނާ ކައިރީގައި ގާއިމުކުރި މި ހިދުމަތް ހުޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ.
ޕޯސްޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހިދުމަތުގެ ސަބަބުން ކިއުގައި މަޑުކުރަން ނުޖެހި، ޕޯސްޓުން މެސެޖު ފޮނުވާ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް ފަސޭހަ ކޮންމެ ވަގުތެއްގައި ގޮސް ޕާރުސަލް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ޕޯސްޓު އޮފީސް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްރަށަށާއި ސިޓީތަކުގެ އިތުރުން ބޭރު ޤައުމުތަކަށް ވެސް ތަކެތި ފޮނުވުމުގެ ހިދުމަތް ލިބޭނެއެވެ.
ހަމައެހެންމެ، ދިވެހި އުފެއްދުންތެރިންނަށް ހާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" މެދުވެރިކޮށް ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފިހާރައިން ގަންނަ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް އިތުބާރާއެކު ރައްދުކޮށްދިނުމުގެ ހިދުމަތް ވެސް ޕޯސްޓުގެ ނިޒާމު މެދުވެރިކޮށް ލިބިގެންދާނެއެވެ.



