Thursday, November 5
ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރީ އެންމެ އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރެވޭ މަޤާމެކެވެ. ނަމަވެސް މަސައްކަތުގެ ފެންވަރަށް ބަލައި މި މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި މަހަކު ޖުމްލަ 42,500.00 ރުފިޔާ ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި 20,500.00 ރުފިޔާ އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 14,000.00 ރުފިޔާ އާއި ސަރވިސް އެލަވަންސްގެ ގޮތުގައި 5,000.00 ރުފިޔާ އަދި ސަޕޯޓިންގ-ކޯ އެލަވަންސްގެ ގޮތުގައި 2,000.00 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި ދޭ 1,000.00 ރުފިޔާ އެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބާ ކައުންސިލުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާއި، އެގްޒެކެޓިވް ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވާލުމާއި، ބަޖެޓާއި މާލީ ކަންކަން ބެލެހެއްޓުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ކައުންސިލް ތަމްސީލުކުރުމަކީވެސް މި މަޤާމުގެ ޒިންމާތަކެކެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު 16 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން humanresources@maldivesbarcouncil.org އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ބާ ކައުންސިލުން އެދެއެވެ.

މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމީ ފެންވަރުގެ އިތުރުން ލީޑަރޝިޕް ހުނަރަށާއި، ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ޤާބިލުކަމަށް ބަލާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު