Thursday, November 5
ޤައުމީ އަސާސީ ބޭހުގެ ލިސްޓު މުރާޖަޢާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގައިފި

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ފާރމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އަމަލުކުރަން ފަށައިފިކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ލިސްޓު އެކުލަވާލާފައިވަނީ ދެ ގްރޭޑަކަށް ބަހާލައިގެންނެވެ. އައު އުސޫލުގެ ދަށުން، ކޮންމެ ފާރމަސީއަކުންވެސް އެ ފާރމަސީއެއް ގިންތިކުރެވިފައިވާ ގްރޭޑަށް ކަނޑައެޅިފައިވާ ބޭސްތަކުގެ ތެރެއިން މަދުވެގެން %80 ބޭސް އަބަދުވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެއެވެ. ފާރމަސީތައް ގިންތިކުރެވިފައިވާ ގޮތުގެ ތަފްސީލު "ގައިޑްލައިން އޮން މިނިމަމް ރިކުއަރމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާރމަސީ" ގައި ބަޔާންކޮށްފައިވާނެ ކަމަށް އެމް.އެފް.ޑީ.އޭ އިން ބުނެއެވެ.

މި ބަދަލަށް އަމަލުކުރުމަށްޓަކައި މިހާރު ހިންގަމުންދާ ފާރމަސީތަކަށް 6 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ނަމަވެސް، އަލަށް ހުޅުވާ ފާރމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއަކަށް ކަނޑައެޅިފައިވާ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ގައިޑްލައިން މިހާރު އެމް.އެފް.ޑީ.އޭގެ ވެބްސައިޓުގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތާއި "ދިރިތި" ޕޯޓަލުން ލިބެން ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު