ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިޔުކޭޝަން ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި، އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ބުނީ މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގއެއް ކަމަށާއި، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، މި ފައިނޭންސްގެ ދަށުން ޑޮލަރު ލިބުމަކީ ބޭރު ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ މަގުފަހިފަހިވެގެންދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ މި ފައިނޭންސިންގެ ދަށުން ކޯސް ފީތައް ބޭންކުން ސީދާ ތަޢުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށާއި، ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ.
"އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް"، ޝަރީފް ވިދާޅުވިއެވެ.



