ފުލުހުންގެ ތާރީޚުގައި ހިންގާ ފުރަތަމަ ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026 ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ ފަންނީ މައުލޫމާތާއި އަހުލާގީ މިންގަނޑުތަކާއި ލީޑަރޝިޕް ހުނަރުތަކާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިޔުރިޓީ ސްޓަޑީޒް އިން މި ޖުލައި މަހުގެ 18 އިން ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދ. ވާނީ ގައެވެ.
ފުލުހުން ބުނީ މި ޕްރޮގާރާމުގެ މަގުސަދަކީ ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުމުގެ އިތުރުން ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުވުން ކަމަށެވެ.
މީގެ އިތުރުން މި ޕްރޮގްރާމުގައި، އިންޓާނަލް އެތިކްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އޭ އައި، އޮޕަރޭޝަނަލް ޕޮލިސިންގ އާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ގެ އިތުރުން ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިން ފަދަ މޮޑިއުލްތައް ކިޔަވައިދޭނެ ކަމަށާއި، ދިމާވާ ތަފާތު ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމާއި މައްސަލަ ހައްލުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން މުއާމަލާތް ކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރު ތަރައްގީކުރުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ މުއައްސަސާގެ ކުރިއެރުމަށާއި، އައު އީޖާދުތަކަށް އަހުލުވެރިވުމަށާއި، ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ، އަހުލާގު ރަނގަޅު، ހުނަރުވެރި ފުލުހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މި ޕްރޮގާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކޮންސްޓަބަލް ރޭންކް އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކް އާ ދެމެދުގެ ފުލުހުންނަށް ކަމަށްވާއިރު، މި ޕްރޮގްރާމުގައި 98 ފުލުހުން ބައިވެރިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ.



