Thursday, November 5
ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 ކުޑަކުރުމަށް އަންގައިފި

ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ސޮއިކުރައްވައި ނެރުއްވި ސަރކިއުލަރއެއްގައި ވަނީ ޖުލައި 13 އިން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް އަންގައިފައެވެ.

އަދި މި ނިންމުމާއި އެއްގޮތަށް ކުންފުނިތަކުން ޢަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި އެކުލަވާލާފައިވާ އެކްސެލް ޓޫލް އަޕްޑޭޓްކޮށް، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީއާއި ޕީސީބީއާ ހިއްސާކުރަންވާނެ ކަމަށްވެސް ސަރކިއުލަރގައި ވެއެވެ.

ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީން އަންގާފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

ޕީސީބީން މިގޮތަށް އެންގުމާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުން މުވައްޒަފުންނަށް އިނާޔަތްތަކަކާއެކު އެ ފުރުޞަތު ހުޅުވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު