އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ މީޑިއާ އަދި އެންޓަރޓެއިންމަންޓް ސިނާއަތުގެ އެންމެ ބޮޑު އަހަރީ ކޮންވެންޝަން ކަމަށްވާ "އެފް.އައި.ސީ.ސީ.އައި ފްރޭމްސް" ގެ 26 ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ މީޑިއާ އަދި އެންޓަރޓެއިންމަންޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ސެޕްޓެމްބަރު 29 އަދި 30 ގައި އިންޑިއާގެ މުމްބާއީގެ ގްރޭންޑް ހަޔަޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު ކޮންވެންޝަނަކީ ދިވެހި ފަންނާނުންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ފުރުޞަތުތަކެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
މި ކޮންވެންޝަންގެ ތެރެއިން ކުރިއަށްދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި މީޑިއާ އަދި އެންޓަރޓެއިންމަންޓް ސިނާއަތުގެ ބައިނަލްއަޤުވާމީ އިސްވެރިންނާ ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ބާއްވާ ކޮންފަރެންސްތަކާއި، މާސްޓަރ ކްލާސްތަކުގެ އިތުރުން ބިޒްނަސް ނެޓްވޯކިންގ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ލިބޭނެއެވެ.
މި އިވެންޓަކީ ކޮންޓެންޓް ލައިސެންސިންގ، ކޮ-ޕްރޮޑަކްޝަން އަދި އެކި ފަރާތްތަކާއެކު ޕާޓްނަރޝިޕް އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ މަންސައެކެވެ. އަދި އެނިމޭޝަން، ވީ.އެފް.އެކްސް، ގޭމިންގ، އެކްސް.އާރް އަދި ޑިޖިޓަލް މީޑިއާގެ ދާއިރާއިން އަންނަމުންދާ އާ ފަންނީ ތަރައްޤީތަކާއި ފުރުޞަތުތައް ދެނެގަތުމަށް މި ކޮންވެންޝަންގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
އެހެންކަމުން، ރާއްޖޭގެ މީޑިއާ، ފިލްމު، ޓެލެވިޜަން، ޑިޖިޓަލް ކޮންޓެންޓް، އެނިމޭޝަން، ގޭމިންގ އަދި ކްރިއޭޓިވް ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މި ކޮންވެންޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް އެން.ސީ.އޭ އިން އިލްތިމާސްކުރެއެވެ.
މި ކޮންވެންޝަނާ ގުޅޭ އިތުރު ތަފްޞީލު www.ficci-frames.com ވެބްސައިޓުން ލިބޭނެއެވެ.



