އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަކުރައްވައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. މިގޮތުން 2026 ފެބްރުއަރީ 26 އިން ފެށިގެން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމްގެ ފަހު މޮޑިއުލް، މޮޑިއުލް 3 ކުރިއަށް ގެންގޮސްފައިވަނީ 2026 ޖޫން 29 އިން ޖުލައި 10 އަށް އިނގިރޭސިވިލާތުގައެވެ.
ފުލުހުން ބުނީ މިއީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި، ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި، މި އަހަރުގެ ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމަތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވާ ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ތެރެއިން، މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާއިރު، ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް އުނގަންނައިދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.



