އެއާޕޯޓުތަކުން ކަރުދާސް ފޯމު ފުރުން ހުއްޓާލައި، "ކޮންޓެކްޓް-ލެސް" ނުވަތަ ޑިޖިޓަލްކޮށް މި ހިދުމަތް ބަދަލުކުރުމުން އިމިގްރޭޝަން މަރުހަލާ އަވަސްވެގެންދާނެއެވެ. ދަތުރުވެރިން airsuvidha.civilaviation.gov.in މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭއިރު، އޭގައި މައިގަނޑު ގޮތެއްގައި ސުވާލުކުރެވެނީ ވޭތުވެދިޔަ 21 ދުވަހު ދަތުރުކުރި ގައުމުތަކާއި ތާރީހުތަކާ ބެހޭގޮތުންނާއި، އެބޯލާ ފެތުރޭ ސަރަހައްދަކަށް ގޮސްފައިވޭތޯ ނުވަތަ އެފަދަ މާހައުލަކަށް ހުށަހެޅިފައިވޭތޯއެވެ. މީގެ އިތުރުން ހުންއައުމާއި، ގައިގައި ރިއްސުން ނުވަތަ ލޭއައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯވެސް އެ ފޯމުގައި ބަލާނެއެވެ.
މި ފޯމު އޮންލައިންކޮށް ހުށަހެޅުމަށްފަހު، އެ ފޯމު ޑައުންލޯޑްކޮށްގެން އިންޑިއާއަށް އެތެރެވާއިރު "އިންޓަނޭޝަނަލް ޓްރެވަލް ހެލްތު ޑެސްކް" ނުވަތަ އިމިގްރޭޝަން ކައުންޓަރަށް ދައްކަންޖެހޭނެއެވެ. މި ޕޯޓަލްގެ ސަބަބުން ދަތުރުވެރިންގެ މައުލޫމާތުތައް ވަގުތުން ވަގުތަށް އެއާޕޯޓުގެ ހެލްތު އޮފިސަރުންނަށާއި، އިމިގްރޭޝަނަށާއި، ސްޓޭޓް ހެލްތު ސަވައިލެންސް ޓީމުތަކަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އެއްވެސް ކޮންޓެކްޓެއް ނެތި، ބަލީގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށް ފަހިވެގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.






