ޗައިނާގެ ފަންނާއި، ސަގާފަތާއި ތަރިކައާބެހޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގެ މަޤްޞަދަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
މި މަހުގެ 16 އިން 20 އަށް ކުރެއްވި މި ދަތުރުފުޅުގައި ވަޒީރު ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވަވައި ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ.
އެގޮތުން، "އެލަޔަންސް ފޯރ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަޒީރު ތަޤްރީރުކުރެއްވިއެވެ. އެ ތަޤްރީރުގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަމާއި، އެކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ވަޒީރު ވާހަކަފުޅުދެއްކެވިއެވެ.
ޗައިނާގެ ނޭޝަނަލް ކަލްޗަރަލް ހެރިޓޭޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މިސްޓަރ ކިއާއޯ ޔުންފެއި އާއެކު ބޭއްވި ބައްދަލުވުމުގައި، ދާރުލްއާސާރުތައް ތަރައްޤީކުރުމާއި، ފަންނީ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވަޒީރު ހީނާ މަޝްވަރާކުރެއްވިއެވެ. އަދި ސަގާފީ މުއާމަލާތްތައް ބަދަލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ހަމައެއާއެކު، އިކްރޮމްގެ ޑިރެކްޓަރ ޖެނެރަލް އަރޫނާ ގުޖްރާލްއާ ބައްދަލުކުރައްވައި، ޒުވާނުން ތަމްރީނުކުރުމާއި، ދާރުލްއާސާރުތައް ބެލެހެއްޓުމާ ގުޅޭގޮތުން ވަޒީރު ވާހަކަދެއްކެވިއެވެ. އަދި އުފެއްދުންތެރި އިޤްތިޞާދެއްގައި ތަރިކައިގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުންވެސް ވާހަކަދެއްކެވިއެވެ.
"އަލިފް" ޖަމިއްޔާގެ އެގްޒެކްޓިވް ޑައިރެކްޓަރ ވަލޭރީ ފްރޭލަންޑާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކުން ތަރިކަ ރައްކާތެރިކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވަޒީރު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދާރުލްއާސާރުތަކާއި ކުތުބުޚާނާތަކުގެ މަސައްކަތްތައް ސުމޭކު ކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީރު ހީނާ ވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ "ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ" އާއި، "ޒެޖިއަންގް ލައިބްރަރީ" އަދި "ޗައިނާ ނޭޝަނަލް ސިލްކް މިއުޒިއަމް" އަށް ޒިޔާރަތްކުރައްވާފައެވެ. އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވައި ވަޒީރު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު ހީނާ މާލެ ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.






