Wednesday, October 21
500 މީހުންގެ ރިހެބެއް ހިންމަފުށީގައި ހަދަނީ
ކ. ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އިއުލާނުކުރައްވައިފިއެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިންމަފުށީގައި މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތެއްގައި ފަރުވާގެ ކަންކަން ކުރިއަށް ނުގެންދެވޭތީ އެތަނުގައި ބިޔަ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއު 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީ ގެ އޮނިގަނޑާއި ހުޅުމާލޭ ހާފްވޭ ހައުސް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ހާއްސަ ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ފަރުވާގެ ނިޒާމުގެ ތެރެއިން ރިކަވަރީ ސަޕޯޓާއި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކުން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ނ. ވެލިދޫގައި ތަރައްގީކުރާ ސެންޓަރުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިމޭނެއެވެ. އަދި ކ. ކާށިދޫ އާއި ލ. ގަމުގައި ގާއިމުކުރާ ސެންޓަރުތަކުގެ މަސައްކަތް 2027 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެއްވިއެވެ.

ރާއްޖޭގެ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފަރުވާ ފުރިހަމަކޮށް މުޖުތަމައަށް އެނބުރާ އަންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާއެކު އެއްބަސްވުންތައް އެކުލަވައިލުމުގެ މަސައްކަތްވެސް އެންޑީއޭއިން މިހާރު ވަނީ ފަށާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު