ފްރާންސްގެ ބަޖެޓް އެއާލައިން "ފްރެންޗްބީ" އިން އިންޑިއާ ކަނޑުގެ ދެ މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވުމާއެކު، އެ އެއާލައިންގެ ދިގު ދަތުރުތަކުގެ ވިއުގަ އިތުރަށް ފުޅާކުރަން ނިންމައިފިއެވެ. މިގޮތުން އަލަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާލެއަށާއި ސްރީލަންކާގެ ކޮލަމްބޯއަށެވެ. އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" ގައި ޝާއިއުކޮށްފައިވާ ގޮތުން، މި ދެ މަންޒިލަށްވެސް ދަތުރުތައް ކުރާނީ ޕެރިސް އޯލީ އެއާޕޯޓުން އެކަނި ކަމަށާއި، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރު 2026 ގައެވެ.
އެއާލައިނުން މިއަދުން ފެށިގެން ޓިކެޓް ވިއްކަން ފަށާފައިވާއިރު، މިއީ އެއާލައިންގެ ދަތުރުތައް ތަފާތުކޮށް، ޑިމާންޑް ބޮޑު ލެއިޒާ ޗުއްޓީގެ މާކެޓްތަކުގައި އެއާލައިންގެ ބާރު ގަދަކުރުމަށް އެޅި އިތުރު ފިޔަވަޅެކެވެ. ފްރެންޗްބީގެ ސީއީއޯ މާކް އެންޓޮއިން ބްލޮންޑޯ ވިދާޅުވީ، މި ފުޅާކުރުމަކީ އެއާލައިންގެ ކުރިއެރުމުގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅޭ ނިންމުމެއް ކަމަށެވެ. އަދި ފްރާންސުން މި ދެ މަންޒިލަށް ސީދާ ދަތުރުތައް ކުރާ މިންވަރު އަދިވެސް މަދުކަން އޭނާ ފާހަގކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ ރިސޯޓް ޓޫރިޒަމާއި، ސަގާފަތާއި ގުދުރަތީ ރީތިކަމުގެ ސަބަބުން މަގުބޫލުވަމުން އަންނަ ސްރީލަންކާގެ ފަތުރުވެރިކަން އެއްވެގެން ދިއުމަކީ މި މާކެޓަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާލައިންގެ އަމާޒަކީ އަގުހެޔޮކޮށް ދިގު ދަތުރުތައް ކުރެވޭނެ މަގު ފަހިކޮށްދިނުމާއެކު މި ދެ ބަޔަށްވެސް ހިދުމަތް ދިނުމެވެ.
މި ދަތުރުތައް ކުރިއަށްދާނީ ޓްރޭންގިއުލާ އުސޫލު ނުވަތަ ތިން މަންޒިލް ގުޅުވައިގެން ކުރިއަށްދާ އުސޫލުންނެވެ. އެއީ ޕެރިސް އޯލީން މާލެއަށް، މާލެއިން ކޮލަމްބޯއަށް، އަދި ކޮލަމްބޯއިން އަނބުރާ ޕެރިސް އޯލީއަށެވެ. މީގެ ސަބަބުން ފަސިންޖަރުންނަށް ކޮންމެވެސް އެއް މަންޒިލެއް ހިޔާރުކުރުމުގެ ނުވަތަ އެއް ދަތުރެއްގައި ދެ މަންޒިލަށްވެސް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. ޓިކެޓުގެ ދެކޮޅު އަގުތަކަށް ބަލާއިރު ކޮލަމްބޯގެ ދަތުރުތައް އިކޮނޮމީ ބްލޫ އިން 599 ޔޫރޯ އިން ފެށޭއިރު، ޕްރީމިއަމް ބްލޫގެ އަގުތައް އުޅެނީ 1,365 ޔޫރޯ އިން ފެށިގެންނެވެ. އަދި ރާއްޖޭގެ ދަތުރުތަކުގެ އަގުތައް އިކޮނޮމީ ބްލޫ އިން 649 ޔޫރޯ އިން ފެށޭއިރު، ޕްރީމިއަމް ބްލޫގެ އަގުތައް އުޅެނީ 1,399 ޔޫރޯ އިން ފެށިގެންނެވެ.
މި ދަތުރުތައް ކުރިއަށްދާނީ 19 ޑިސެމްބަރު 2026 އިން ފެށިގެން 2 މެއި 2027 ގެ ނިޔަލަށެވެ. އަދި ދަތުރުތައް ބާއްވާ މިންވަރު ކަނޑައެޅޭނީ އެ ދުވަސްވަރެއްގެ ސީޒަނަލް ޑިމާންޑަށް ބަލާފައެވެ. މި ބަދަލުތަކާއެކު، ފްރެންޗްބީން ދަނީ ދިގު ދަތުރުތައް ކުރާ ލެއިޒާ މާކެޓްގައި ވާދަވެރި އެއާލައިނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރަމުންނެވެ. އަދި އަގުހެޔޮކޮށް، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތްތައް ހޯދައިދެމުން އިންޑިއާ ކަނޑުގައި އެއާލައިންގެ ދައުރު ދަނީ ފުޅާކުރަމުންނެވެ.




